ރާއްޖެެއިން މިހާތަނަށް އެމްޕޮކްސްގެ ކޭސްއެއް ނުފެނޭ: އެޗްޕީއޭ

1 month ago

އަފްރާހް

ރާއްޖެއިން މިހާތަނަށް އެމްޕޮކްސްގެ ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން މިފަދައިން މި ވިދާޅުވީ ރާއްޖެއިން އެމްޕޮކްސް ފެނިފައިވާކަމަށް ބުނެ މީސްމީޑިއާގައި ބައެއް ޕޯސްޓުތައް ދައުރުވަމުންދާތީއެވެ.


އެވާހަކަތަކަށް އިޝާރާތް ކުރައްވައި، އެޗްޕީއޭ އިން ވަނީ އެފަދަ ދޮގު ވާހަކަތަކާއި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން އަންނަފަދަ ވާހަކަތައް ނުފެތުރުމަށް އެދިލައްވާފައެވެ.


އެފްރިކާއިން އެމްޕޮކްސްގެ ގިނަ އަދަދެއްގެ ކޭސްތަކެއް ފެނިފައިވާއިރު، އެބައްރުގައި އަދިވެސްދަނީ މިބަލި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެހެންކަމާއެކު މި ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.


މި އަހަރު މިހާތަނަށް އެފްރިކާއިން އެމްޕޮކްސްގެ 18,000 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ބަލި ޖެހިގެން 629 މީހުން މަރުވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.


އިންސާނުންނަށް އެންމެ ފުރަތަމަ އެމްޕޮކްސް ޖެހިފައިވަނީ 1970 ވަނަ އަހަރުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ.


2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރިގެން ގޮސްފައިވާއިރު، އެ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން 99،000 ކޭސް ވަނީ ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު