ތަސްލީމު އަދިވެސް ނުފެނޭ، އިންޓަރޕޯލް ޔެލޯ ނޯޓިސް ނެރެނީ

1 month ago

އަފްރާހް

ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު ހޯދުމަށް، އިންޓަރޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިލައްވައިފިއެވެ.


ފުލުހުން އާންމުކުރައްވާފައިވާ ބަޔާނުގައި ވަނީ ތަސްލީމް، ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސްފައިވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ހަވީރު 5 އާއި 5:30 ހާ ދެމެދުގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.


މީގެއިތުރުން އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ތަހުގީގަށް އެނގިފައިވާ ކަަމަށް ވެސް އެ ބަޔާނުގައި ވެއެވެ.


"އެމީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް ފަސްގަނޑުގައި ތިބި. އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގަ." އެ ބަޔާނުގައި ވެއެވެ.


ފުލުހުންގެ ބަޔާނުގައި އިތުރަށް ވަނީ އޭނާ މާލެ ދާން ބޭނުން ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10 އާއި 11 އާދެމެދު މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާ ކަމަށާއި އެހައި ހިސާބުން ތަސްލީމުގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ސެޕްޓެމްބަރ 14 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ވަނީ ތަސްލީމް މާލެ ނާންނަކަމަށް އާއިލާ އިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތަހުގީގުގައި، އެ ދަތުރުދިޔަ މީހުންނާ ސުވާލުކޮށް، އަދި އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވާ ކަަމަށް ވަނީ ހާމަކޮށްފައެވެ.


މީގެއިތުރުން ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، އޭނާއާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކުރި ކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ. އަދި އޭނާ އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައް ބަލާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް ތަސްލީމު ފެނިފައިނުވާތީ އޭނާ ހޯދުމަށް އިންޓަރޕޯލް ޔެލޯ ނޯޓިސް އަށް އެދިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


އެ ތަހުގީގާ ގުޅޭ ގޮތުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކޮށް، ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


އިންޓަޕޯލް ޔެލޯ ނޯޓިސް އަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ނެރޭ ނޯޓިސްއެކެވެ. އެގޮތުން މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ރިޟުވާން އަހްމަދު ހޯދުމަށް ވެސް ޔެލޯ ނޯޓިސް ނެރެފައިވެއެވެ.


ފުލުހުން މީގެކުރީން ވެސް ވިދާޅުވެފައިވަނީ އެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.


އެ އިދާރާ އިން ވަނީ އޭނާއާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކުރައްވާ ހިއްސާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ 9794639 ނަމްބަރަށް ގުޅައި، އެކަން ހިއްސާ ކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު