3 months ago
ދީނީ އިޖްތިމާޢީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން 2024 ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި 70 ޖަމިއްޔާއަކުން 98 ފަރާތަކުން ބައިވެރިވާ ކަމަށެވެ. އަދި އޮންލައިންކޮށް ވެސް މި ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ބައިވެރިވާކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.
މި ބައްދަލުވުން ފެށުމަަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރައްވައިގެން ކަމަށެވެ.
ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމިއްޔާތަކުން ދައުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.