ޑިމޮކްރަސީ ފައްކާކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިގެން ނުވާނެ: ފައްޔާޟު

1 month ago

އަފްރާހް

ޑިމޮކްރަސީ ފައްކާކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމުގައި އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.


ޑިމޮކްރަސީގެ ދުވަހާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެތައް އަހަރެއްގެ އުނދަގޫ ދަތުރަކަށްފަހު މިހިސާބަށް އާދެވުނު ނަމަވެސް، ޑިމޮކްރަސީ ފައްކާކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.


މީގެއިތުރުން ރާއްޖޭގެ ޑިމޮކްރަސީ ކުރިން އޮތް ހާލަތަށް ދިއުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، މިނިވަންކަން ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންނޫންނަމަ، ހުދުމުހުތާރު ވެރިންގެ ސަބަބުން މިނިވަންކަން ގެއްލިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދެއްވާފައެވެ.


އެހެންނަމަވެސް ދިވެހިން ތިބީ މި ޑިމޮކްރަސީ ދެމެހެއްޓުމަށް ސާބިތުވެ ކަމަށާއި ރައްޔިތުން ހިތްވަރު ގެއްލުވާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ އަގު ވަޒަންކޮށް، އެ ނިޒާމު ހިމާޔަތްކުރުމަށް ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުން މުހިންމުކަން ވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު