3 months ago
ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ތަޢާރަފް ކުރުމަށް، ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ހަފްލާއެއް ބާއްވައިފިއެވެ.
ސަރުކާރުގެ ބައެއް އިސްވެރިންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ބައިވެރިވެވަޑައިގަތް މި ޙަޕްލާގައި، މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ.
މި މަގުޗާޓުގައި ކުންފުނިން ދެމުންދާ ހިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމެނެއެވެ.
މި އިފްތިތާހު ކުރެވުނު ގިރުނބާ އަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓެވެ. މިއީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ހިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ އެ ކުންފުނީގެ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ހާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެކެވެ.
މިއާއެކު ހިދުމަތްތަކަށް ބުރޫއަރާފާނެ ހާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ، ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.
މީގެއިތުރުން ކުންފުނީގެ އެޗްއާރް މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ހާއްސަ ސޮފްޓްވެއަރއެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ހަމަމިއާއެކު ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިންގ ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ހިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނިފައިވެއެވެ.
މީގެތެރެއިން އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްގީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެކެވެ.
ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ. އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމުގެ ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުޑަހުވަދޫގައި ސްމާރޓް މީޓަރު ގާއިމްކޮށް ރަސްމީކޮށް ހިދުމަތްދޭން މިހާރު ވަނީ ފަށާފައެވެ. ފެނަކައިގެ އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމެވެ.
މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ހިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެއެވެ.