ކްރިއޭޓިވް އިކޮނޮމިކް ފަންޑު ސަރުކާރުން އިފްތިތާހުކޮށްފި

1 month ago

އަފްރާހް

ކްރިއޭޓިވް އިކޮނޮމިކް ފަންޑެއް ސަރުކާރުން އިފްތިތާހުކޮށްފިއެވެ.


ރާއްޖޭގެ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން މި ފަންޑް އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްގީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާހުކޮށްފައިވާ މި ފަންޑުން ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.


މި ފަންޑުގެ ތެރެއިން ފިލްމް އުފެއްދުމަށާއި، މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާ ކަމަށް އެ ފަރާތުން ވިދާޅުވެއެވެ. އަދި އަންނަ އަހަރު ތެރޭގައި ފަންޑު ފުޅާކޮށް އިތުރު ދާއިރާތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.


މީގެއިތުރުން މި ފަންޑުގެ ތެރެއިން ލޯނު ލިބޭ ފަރާތްތަކަށް، މި ސިނާއަތުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި، ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް އެފަރާތްތަކަށް ދޭނެ ކަމަށް ވިދާޅުވެއެވެ. އަދި ވަކި ޕްރޮޖެކްޓުތަކަށް ފައިނޭންސް ކޮށްދޭއިރު، މި ފަންޑު އަމާޒުކުރާނީ ފްރީލާންސަރުންނަށާއި އުފެއްދުންތެރި އެންމެ ކުދި ވިޔަފާރިތަކަށެވެ.


މިފަންޑުގެ އެހީތެރިކަމަށް އެދުމަށް އަންނަ އޯކްޓޫބަރ މަހުގެ 10 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު