3 months ago
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
މިއީ އެ އޮތޯރިޓީން އިފްތިތާހުކުރި "ގުޅިގެން މީރާ" އިނީޝިއޭޓިވްގެ ދަށުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ކުރެހުން ހުށަހަޅަން ޖެހޭ މައުޟޫއަކީ 'ޤައުމު ބިނާކުރުމުގައި ދައުލަތައް ނަގާ ޓެކުހުގެ ދައުރު' އެވެ. މި މައުޟޫއަށް ކުރަހާ ކުރެހުންތަކުގައި، ގައުމު ބިނާކުރުމުގައި މީރާ އާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ދައްކުވައިދެވިދާނެއެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 18 އަހަރާ ދެމެދު އަދި 18 އަހަރުން މަތީގެ ފަރާތްތަކެވެ.
މިއިން ކޮންމެ އުމުރުފުރާއަކުން 1 ވަނަ، ދެވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3500 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރެހުންތައް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މިއަހަރުގެ އޮކްޓޯބަރ މަހުގެ 31 އެވެ. ކުރެހުންތައް މީރާގެ މައި އޮފީހަށް ނުވަތަ އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗް އޮފީސްތަކާއި ކަލެކްޝަން ސެންޓަރުތަކަށް ހުށަހެޅޭނެއެވެ. އަދި 'ޑިޖިޓަލް އަރޓް' ހުށަހަޅާ ފަރާތްތަކުން marketing@mira.gov.mv އަށް އީމެއިލްކުރެވޭނެއެވެ.
މީރާއިން ހުޅުވާލައިފައިވާ މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ marketing@mira.gov.mv އަށް އީމެއިލްކުރެއްވުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.