ބަންކަރިންގ އަށް ބޭނުންވާ ފެންބާޖު ތުރާކުނުގައި ބޭއްވުމަށް ފަހުމުނާމައިގާ ސޮއިކޮށްފި

1 month ago

އަފްރާހް

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް) އިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތިލަދުންމަތި އުތުރުބުރީ ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ތުރާކުނު ކައުންސިލްއާދެމެދު ފަހުމުނަމާއެއްގައި ސޮއިކޮށްފިއެވެ.


ތުރާކުނު ކައުންސިލްގެ އިދާރާގައި ސެޕްޓެމްބަރ 19 ވީ ބުރާސްފަތި ދުވަހު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފެވެ.


މި ފަހުމުނާމާގެ ދަށުން އުތުރުގައި ވޯޓަރ ބަންކަރިންގ ހިދުމަތް ދިނުމަށް އެމް.ޕީ.އެލް އިން ބޭނުންކުރާ ފެން ބާޖް ބާއްވާނީ ތުރާކުނުގައެވެ.


އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ފެން ބާޖް ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތް ވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓަރ ބަންކަރިންގ އަކީ ޔޫ.އެމް.އެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ގަބޫލްފުޅުކުރައްވާ ކަމަށެވެ.


"މިހާރުވެސް ގްރީކްގެ 14 ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުން ވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.


ތުރާކުނު ކައުންސިލްގެ ރައީސް އަލީ ވިދާޅުވީ ފެނުގެ ބަންކަރިންގ އަކީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި އުތުރުގައި މެރިޓައިމްގެ ޚިދުމަތް ދިނުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރެއްވިއެވެ.


"މިއީ އުތުރުގައި ފޯރުކޮށްދޭ (މެރިޓައިމް) ޚިދުމަތްތަކުގެ ތެރެއިން ކުޑަ ކޮމްޕޯނަންޓަކަށްވިޔަސް، މުހިންމު ބައެއް. އުތުގައި މި (މެރިޓައިމްގެ) ޚިދުމަތްތައް ދިނުމަށް ސަރުކާރުން (އަދި އެމް.ޕީ.އެލް) އިން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނަން،" އަލީ ވިދާޅުވިއެވެ.


ސީ.އީ.އޯ ވަޖީހް އަދި މެނޭޖްމަންޓްގެ ޓީމުން ވަނީ ތިލަދުންމަތި އުތުރުބުރީ މޮޅަދޫ ކައުންސިލްއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ ތެރެއިން މޮޅަދޫގައި ކުރިއަށް ގެންދެވިދާނެ ޚިދުމަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. 


ކިޔުންތެރިންގެ ހިޔާލު