ރައީސްގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ސްޓެލްކޯ އިން ބޮޅެއް އިތުރުކޮށްފި

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ސްޓެލްކޯ އިން ބޮޅެއް އިތުރުކޮށްފިއެވެ.


ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސް އިފްތިތާހު ކުރެއްވި މި މަޝްރޫގެ ދަށުން ސްޓެލްކޯ އިން މިފަހަރު ގަސް އިންދާފައިވަނީ އދ. ފެންފުށީގައެވެ. އެރަށުގައި 500 ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.


އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މި މަސައްކަތަށް އެރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.


އެމްޑީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިއަހަރު ތެރޭގައި 25000 ގަސް އިންދުން ކަމަށެވެ. އަދި އެގަސްތައް އިންދާނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައި ކަމަށެވެ.


މީގެއިތުރުން އެ ކުންފުނިން ބާއްވާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވެސް ވާސިލުވުމަށް މަގުފަހިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ސްޓެލްކޯ އިން ގަސް އިންދުމަށްފަހު، އެ ގަސްތައް ބެލެހެއްޓުމަށް ކޮންމެ ރަށެއްގައި 'ގްރީން އޭޖެންޓެއް' ގެ ގޮތުގައި މީހަކު ދަނީ ބަހައްޓަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު