އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް ތަރައްގީ ކުރަނީ

1 month ago

އަފްރާހް

ތިލަދުންމަތި އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް އެމް.ޕީ.އެލް އާއި އިހަވަންދޫ ކައުންސިލްއާއެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.


އެރަށުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޚްއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އީ.އޯ ވަޖީހް ވިދާޅުވީ އެރަށުގައި ތަރައްގީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި އެމް.ޕީ.އެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ.


"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.


ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފަށާޢިރު "ހުރިހާ ކަމެއް ފުރިހަމަނުވިޔަސް"، އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.


"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއްނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން (ރާއްޖެ)އަށް ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.


އިހަވަންދޫ ކައުންސިލްގެ ރައީސް ޟަބާޙް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.


"ވަޒީފާގެ ފުރުސަތުތަކެއް (ރަށުގައި) އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ޟަބާޙް ވިދާޅުވިއެވެ.


އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއަކީ ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެމް.ޕީ.އެލް އިން ވަނީ ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި އައި.އެސް.ޕީ.އެސް ގޭޓް ޤާއިމްކޮށްފައެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު