މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވުމަށް ހުތުބާގައި ގޮވާލައިފި

1 month ago

އަފްރާހް

ތިބާ އަކީ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.


ހުތުބާގައި ވަނީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށްދެއްވައިފައިވަނީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުންކަން ހަނދާންކޮށްދީފައެވެ. އަދި މިކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށްކަން ވެސް ހަނދުމަކޮށްދީފައި ވެއެވެ.


އެއަށްފަހު ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.


ހުތުބާގައި ބުނީ ދެވަނަ ކަމަކީ މުސްލިމް އަޚަކަށް ކުރިމަތިވާ މުސީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ކަމަށެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުސީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރަން ޖެހޭކަމަށް ހުތުބާގައި ބުންޏެވެ.


މީގެއިތުރުން ތިންވަނަކަމަށް ފާހަގަކޮށްފައިވަނީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުން ކަމަށާއި އެގޮތުން ދަރަނި އަދާކުރުމަށް، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުން ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުން ނުވަތަ ދަރަނި އެއްކޮށް މާފުކުރުން ހިމެނޭކަން ހުތުބާގައި ބުންޏެވެ.


'އެންމެ މަންފާ ހުރި މީހާ' މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި އިތުރަށް ބުނީ މާތް ރަސްކަލާނގެ ހަޟްރަތުގައި ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށެވެ.


ދިވެހީންނަކީ މިކަމުގައި ވަރަށް ނަމޫނާ ބައެއްކަން ފާހަގަކޮށް، ރަމަޟާން ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިގެން، އެ ގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ފެންނަން އޮތްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.


މީގެއިތުރުން ލައިގެންކާނެ އެއްޗެއް ނެތް ގޭގޭގެ މީހުން ބޯތަށި ހިފައިގެން އަވަށްޓެރިޔާގެ ގެއަށް ދިޔުމުން އެ ބޯތަށްޓަށް، ލައިގެން ކާނޭ ތަކެތި އަޅައިދޭ ވާހަކައަކީ ކޮންމެ މީހަކު ވެސް އަޑު އަހާނެ ވާހަކައެއްކަން ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު