ރައީސް ޑރ. މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އެމެރިކާ އަށް ފުރާވަޑައިގެންފި

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.


މިއީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ފުރާވަޑައިގަތީ ގައި މިރޭ އިރާކޮޅުއެވެ.


އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ތަގްރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓަވައި، ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.


މީގެއިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ވެސް ކުރިއަށްގެންދަވާނެއެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދގެ މެންބަރު ގައުމަކަށްވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.


މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނާއި ވަފުދުގެ ބޭފުޅުން އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 29 ވާ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު