މިއީ ގައުމަށް ފައިދާހުރި، އޭގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެންނާނެ ދަތުރެއް: ރައީސް

1 month ago

އަފްރާހް

ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އދ ގެ އާންމު މަޖިލީހާއި އެކިއެކި ބައްދަލުވުންތަކުގައި ގައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ.


އެގޮތުން ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި، އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުން ވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީއާ ތަރައްގީއާ ގުޅޭކަންކަންކަމާއި ރާއްޖޭގެ ކުރިމަގަށް މުހިންމު ކަންމުގެ ވާހަކަދައްކަވައި އދ އާއި އެކިއެކި ގައުމުތަކާއި އެކިއެކި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.


މި ދަތުރުފުޅަކީ ގައުމަށް ވަރަށް ފައިދާހުރި، އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.


ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު