މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެބޮޑު ބާރެއްލިބުނީ ފަތުރުވެރިކަން

1 month ago

އަފްރާހް

ޢުމްރާނީ ތަރައްޤީގައި ވިލުންތެރިކަން އިސްކުރުމަކީ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 


އެމަނިކުފާނު މިހެން ވިދާޅުވީ، "ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" ގެ ނަމުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 


މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، އެންމެންގެ ބައިވެރިވުން އޮންނަ، ދުރު ރާސްތާގެ އިޤްތިޞާދީ ކުރިއެރުމެއް ޙާޞިލުކުރުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޤާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.


ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުޑަ އާމުދަނީއެއް ލިބޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮއްވައި، މެދުމިނުގެ އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެބޮޑު ބާރެއްލިބުނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަރައި ދިއުމުންކަން ފާހަގަކުރެއްވިއެވެ. އަދި މެދުމިނުގެ އާމުދަނީގެ މަރުޙަލާ ކަޑަައްތުކޮށް ޤައުމުގެ ތިޔާގިކަން އިތުރުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. 


މީގެއިތުރުން އުފެއްދުންތެރިކަމާ، މާލީ ޤާބިލުކަން އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މިކުރާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.


ރައީސްގެ ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާ ފޮރ ސިޑްސްގައި އެކަށައެޅި 10 އަހަރުގެ މަގުޗާޓުގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ބޭނުންކުރެވިދާނެ މައިގަނޑު ތިން އިސްތިރާޖެއް ހުށަހެޅުއްވިއެވެ.


އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ؛ ފަންނިއްޔާތު ކުރިއެރުވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މާރުކޭޓާއެކު ކުރާ މުޢާމަލާތް ފުޅާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭއަށް މަގުފަހިކޮށްދެއްވާނެކަން ތަކުރާރު ކުރައްވާފައެވެ.


ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ؛ ޢުމްރާނީ ތަރައްޤީގައި ވިލުންތެެރިކަމަށް އިސްކަންދިނުމުގެ މުހިންމުކަމެވެ. މިގޮތުން ބައިނަލްއަޤުވާމީ ސަޕްލައި ޗެއިންތަކަށް މަގުފަހިކޮށް އައު އިންވެސްޓްމަންޓްތައް ޤައުމަށް ހޯދައިދިނުމަށްޓަކައި، ދަތުރުފަތުރާއި ހަކަތައާއި ޑިޖިޓަލް ގުޅުންތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރަންވާނީ މި ޒަމާނުގެ ތަރައްޤީއާ ފައިހަމަވާނޭގޮތަށް ކަމުގައި ވިދާޅުވިއެވެ.


ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ؛ ހަޤީޤީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ސިޔާސަތު ކަނޑައެޅުމުގެ މުހިންމުކަމެވެ. މިގޮތުން އދ. ގެ ވިޔަފާރިއާ ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ 'އަންކްޓެޑުން' ވަޒަންކުރަމުން ގެންދާ 'ދަ ޕްރޮޑަކްޓިވް ކެޕޭސިޓީސް އިންޑެކްސް'ގެ ބޭނުންތެރިކަމާއި، ޢިލްމީ ނިންމުންތަކާއި ދިރާސާތަކުގެ އަލީގައި އިޤްތިޞާދަށް އިޞްލާޙީ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތްކުރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ރާއްޖެއަށް ހާއްސަ ޕޮލިސީ އިންޓަރވެންޝަންތައް ދެނެގަތުމުގައި ރާއްޖެއާއެކު މަސައްކަތްކޮށްދެއްވުމަށް، 'އަންކްޓެޑާއި' އެ ނޫންވެސް މިކަމާ ގުޅުންހުރި އދ. ގެ އިދާރާތަކަށާއި ޖަމާޢަތްތަކަށް ދަޢުވަތު ދެއްވައިފައެވެ.


އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ، އީޖާދީކަންކަމަށް މަގުފަހިކޮށްދޭނެ، އަދި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުން ހިފޭނެ، ހަރުދަނާ ހުށަހެޅުންތަކެއް ހުށަހަޅުއްވައި ދެއްވުމަށް މި ޙަރަކާތުގެ އެންމެހާ ޕެނަލިސްޓުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.


މި ހަރަކާތަކީ، ޔުނައިޓަޑް ނޭޝަންސް ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓެޑް) އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑީންސް އަދި ރާއްޖެއިން ގުޅިގެން ބާއްވާ ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު