ޗުއްޓީ ދުވަސްވަރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދީފި

3 weeks ago

އަފްރާހް

ޗުއްޓީ ދުވަސްވަރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލު ކައިރީގައި ކުރިއަށް ގެންގޮސްފިއެވެ.


ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނާއި ނެއިބަހުޑް ފުލުހުން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ޞަލާހުއްދީން ސްކޫލު ދޮށަށް ފުލުހުން ޒިޔާރަތްކޮށް އެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ.


އެގޮތުން، ޗުއްޓީއަށް ރަށުން ބޭރަށްދާނަމަ ގޯތިގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.


މީގެއިތުުރުން، އެކްސިޑެންޓުތަކުން ރައްކާތެރިވުމަށާއި ޗުއްޓީ ދުވަސްވަރަށް ވުމާއެކު ދަތުރުދިއުމާއި މޫދަށް އެރުންފަދަ ކަންކަން ކުރާނަމަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ.


ހަމަ އެހެންމެ ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރަނގަޅު ކަންކަމުގައި ކުދިން މަޝްއޫލުކުރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީ އެމެޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތަކާއި ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު