ބީއެމްއެލް ސިޔާސީ ކޮށްގެން ނުވާނެ: ރައީސް ޔާމީން

3 weeks ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސިޔާސީ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުން ވެސް ކުރެވެން އޮތް ކަމެއް ނޫން ކަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.


ޕީއެންއެފް ފްރަންޓް އޮފީހހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބީއެމްއެލް އިން ބޮޑެތި އަދަދުތަކުން ތަކުރާރުކޮށް ފައިސާ ދޫކުރަމުން ގެންދާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެޖޯރިޓީ މަޖިލިސް ތެރޭގައި އޮތުމުން އެކަން އެގޮތަށް ކުރެއްވިޔަސް އެއީ އަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.


މިކަންކަން އެންމެ ކައިރިން ބަލަން ޖެހޭނީ ބޭންކުގެ ބޯޑުން ކަމަށާއި އެގޮތުން ބީއެމްއެލް ބޯޑުން މަސައްކަތްކުރަން ޖެހޭނީ ބޭންކަކީ "އެކްސެސިވްލީ" ރިސްކަށް ހުޅުވައިލެވޭ ތަނަކަށް ނުހަދަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ބޭންކަކީ ވެންޗަރ ލޯނު ދޭ ތަނެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.


"ބީއެމްއެލް އަކީ އެހާ ވަރަށް ރިސްކަށް ހުށަހެޅިގެންވާނެ ތަނެއް ނޫން. ބީއެމްއެލް އިން ސަރުކާރަށް މިފަހުން ދޫކުރި ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ދޫކުރީ އެ ބޭންކުގެ ރިސްކް އެސެސްމެންޓް ޑިޕާޓްމަންޓުން އެކަން އެގޮތަށް ނުކުރަން ލަފާދީފައި ވަނިކޮށް." ރައީސް ޔާމީން ވިދާޅުވިއެވެ.


ބީއެމްއެލްގެ ބޯޑުގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޭންކްގެ ރިސްކް އެސެސްމެންޓް ޑިޕާޓްމަންޓުން ވަކި ގޮތަކަށް ކަމެއް ނުކުރަން ބުނެފި ނަމަ އެކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.


ސަރުކާރަށް ދޫކުރި ފައިސާ ނުހޯދި ހޭދަވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ލޯނު ދޫކޮށްގެން ބީއެމްއެލް އަށް އިތުރު ފައިސާ ހޯދަން ހުރަސް އެޅޭ ދުވަހެއް ކަމަށް ވެސް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު