2 months ago
ބޭންކް އޮފް މޯލްޑިވްސް އިން ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ތައާރަފްކުރި 'ބޭންކް ފަންޑް' ގެ ފުރަތަމަ އަހަރުގެ ފަންޑިންގ ލިބޭ ފަރާތްތައް ހާމަކޮށްފިއެވެ.
މިއަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ފަރާތްތަކަކީ މުރަކަ ފާރމް: ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއު، ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާމެދު ޝައުވެރިކަން އުފައްދައި، ހޭލުންތެރިކޮށް، އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ލައިބްރަރީއެއް ގާއިމްކުރުމެވެ. އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއެވެ.
މީގެއިތުރުން ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިންގ ރޫމެއް ގާއިމްކުރުން އަދި ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީކުރުމެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް ކުރާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މި ފަސް ޕްރޮޖެކްޓުން މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ ކަމަށެވެ.
"ޕްރޮޖެކްޓްތަކަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް." އޭނާ ވިދާޅުވިއެވެ.
ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލް އިން އަބަދުވެސް ނުހަނު ބޮޑު އަހުމިއްޔަތުކަމެއް ދެއެވެ.