ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަންނަ ބަންގްލަދޭޝް މީހުންގެ އަދަދު އިތުރުވަނީ

2 weeks ago

އަފްރާހް

ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަންނަ ބަންގްލަދޭޝް މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.


މިކަން ހާމަކުރައްވައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތްތަކާއެކު ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އެގައުމުން މީގެކުރިން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރާއްޖެ އަންނަނީ 2000 ނުވަތަ 3000 އެއްހައި ފަތުރުވެރިން ކަމަށެވެ.


އެެހެންނަމަވެސް ރާއްޖެ އިޝްތިހާރުކުރުން ގިނަވުމުގެ ނަތީޖާއަކީ ފައިބެއަހަރު އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 22،000 އަށް އެރުން ކަމަށެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.


އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމުގެ އަނެއް ސަބަބަކީ ފުރަތަމަ ފަހަރަށް މިދިޔަ ސެޕްޓެމްބަރ މަހުގެ 17 އިން 21 އަށް ބޭއްވި ރޯޑްޝޯވ ކަމަށް ވެސް ވިދާޅުވިއެވެ.


ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު އެގައުމުން 20،840 ފަތުރުވެރިން އައިސްފައިވާއިރު، ފައިބެއަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 16،161 ފަތުރުވެރިންނެވެ.


މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ މިހައިތަނަށް ބަންގްލަދޭޝް އޮތީ ރާއްޖެއަށް 16 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ. 


ކިޔުންތެރިންގެ ހިޔާލު