7 ވަނަ ޓީޗަރސް ކޮންފަރެންސް ނިންމާލައިފި

2 weeks ago

އަފްރާހް

މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބޭއްވި 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


މިއަހަރުގެ ކޮންފަރެންސްގެ ތީމްއަކީ "އެޑިޔުކޭޓް، އެމްޕަވަރ، އެލެވޭޓް: އެކުއިޓަބަލް އެޑިޔުކޭޝަން ފޮރ ޓުވެންޓީފަސްޓް ސެންޗުރީ އެކްސެލެންސް" އެވެ. ކޮންމެ އަހަރަކުވެސް ކޮންފަރެންސްގެ ތީމް ކަނޑައަޅަނީ ތަޢުލީމީ ނިޒާމުގެ ތެރޭގައި އެ ވަގުތަކު އެންމެ ޚާއްޞަކަމެއް ދޭން ޖެހޭ ދާއިރާތަކާ ގުޅުވާލާފައެވެ. އެގޮތުން މިއަހަރުގެ ތީމް ބިނާކޮށްފައިވަނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމާ ގުޅޭގޮތުންނެވެ.


މި ކޮންފަރެންސްގައި 60 ދިރާސާ ކަރުދާސް ހުށަހަޅާފައިވާ އިރު، 2 ޕެނަލް ޑިސްކަޝަން އާއި 2 ކީ ނޯޓް ކުރިއަށްދިޔައެވެ. މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމަށް ސްކޫލުތަކުން ކުރައްވާ މަސައްކަތް ހިއްސާކުރުމަށްޓަކައި 5 ސްކޫލެއްގެ "ބެސްޓް ޕްރެކްޓިސަސް"ތަކާއެކު، ކޭސް ސްޓަޑީ ހުށަހަޅާފައިވެއެވެ.


މި ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީއެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝައުޤީ ވިދާޅުވީ މި ކޮންފަރެންސްއަކީ ޢިލްމީ ގިނަ ބޭފުޅުންތަކެއް އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއްގައި ތަޢުލީމީ ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ކޮންފަރެންސެއް ކަމަށެވެ.


ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި މިއަހަރު ރާއްޖެއާ ރާއްޖެއިން ބޭރުގެ ޢިލްމީ ބޭފުޅުން ހިމެނޭހެން ޖުމްލަ 250 ފަރާތަކުން ބައިވެރިވިއެވެ.


ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު މި ކޮންފަރެންސް ބާއްވާފައިވަނީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން، ޔުނިސެފް، ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމެންޓް އަދި ދިރާގުގެ އެހީތެރިކަމާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު