އެމްއެންޑީއެފްގެ އޮޕަރޭޝަން ހިރާސް ފަށައިފި

2 weeks ago

އަފްރާހް

"އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އޮޕަރޭޝަނެއް ފަށައިފިއެވެ.


މިއީ ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ފެށި އޮޕަރޭޝަނެކެވެ.


މި އޮޕަރޭޝަން ފެށުމުގެ ގޮތުން އޮކްޓޯބަރ 2 ވީ ބުދަ ދުވަހު ކަޅުތުއްކަލާކޮށީގައި ބޭއްވި ބްރީފިންގގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެފްއާރުއެސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުޙުރީ ބައިވެރިވެލެއްވިއެވެ.


މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރީ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްތޯ ބަލާނެއެވެ. އަދި މި ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކުރާނެއެވެ.


އެގޮތުން ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމާއި ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްކުރާނެއެވެ.


‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު