މިއީ އާއިލީ ގުޅުންތައް ބަދަހިކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ވަގުތު: ލަހުފާ

2 weeks ago

އަފްރާހް

އާއިލީ ގުޅުންތައް ބަދަހިކުރުމަށް އަޒުމް ކަނޑައެޅުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑިޕިއުޓީ މިނިސްޓަރ މަރްޔަމް ލަހުފާ ޚަލީލް ގޮވާލައްވައިފިއެވެ.


ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އުރީދޯ މޯލްޑިވްސްއާއެކު ފެށި 'ގްރޯ ވިތް އުރީދޫ' ގަސް އިންދުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ލަހުފާ ވިދާޅުވީ އުރީދޯ މޯލްޑިވްސްއާއެކު ފެށި 'ގްރޯ ވިތް އުރީދޫ' އަކީ އިސްރަށްވެހިންގެ ނާދީގައި ހާއްސަކޮށްގެން ހިންގޭ ތަފާތު ހަރަކާތްތަކަށް އިތުރުވާ މުހިންމު ބޮޅެއް ކަމަށެވެ.


މި ޕްރޮގްރާމުގެ ތެރެއިން ހައްދާ ގަސްތައް ކުރި ފަޅާ ފޯދެމުންދާއިރު، އެއާ އެކު އުރީދޫ އާއެކު ފެށި މަސައްކަތުން އިތުރު ކުރިފަޅާ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވުމަކީ އުއްމީދު ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭގެ ހެޔޮ ނަތީޖާ ލިބިގެން ދިއުމަކީ ވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ފާހަގަކުރެއްވިއެވެ.


"މި ޕްރޮގްރާމާއެކު އެކީގައި ޑިޖިޓަލް ލިޓަރެސީއާއި، އިޖުތިމާއީ އެކި ހަރަކާތްތައް ހިމެނޭހެން ރޭވިގެން އިންތިޒާމުކުރެވިގެން އުރީދޫއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ރޭވިފަ. އިސްރަށްވެހިންނާއި ގުޅުންހުރި ކަންކަމުގައި އުރީދޫއިން މީގެކުރިން ވެސް ނާދީއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރަން. އަދި އެކަމަށްޓަކައި އުރީދޫގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން." ލަހުފާ ވިދާޅުވިއެވެ.


މީގެއިތުރުން ދޮށީ އުމުރަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ ފޯވައްސެއްކަން ފާހަގަކުރައްވައި، އެ ހަގީގަތް ގަބޫލުކުރާ ހާލު، އުމުރުން ދުވަސްވާއިރު އަބުރުވެރިކަމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާއިލާތަކުގެ އެހީތެރިކަމާއި އަޅާލުމާއި ލޯބި ކޮންމެ މީހަކަށް ވެސް މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ހަމަމިއާއެކު މިހާރު ވެސް އާއިލާތުގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަން އިސްރަށްވެހިންނަށް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި، އަމިއްލަ ދިރިއުޅުމުގައި މަޝްޣޫލުވެ އުޅެން ޖެހޭ ގޮތާއި، ޓެކްނިލިޖީއާ، މިހެން ހުރި ކަންކަމާއި އެކު އަޅުގަނޑުމެންނަށް ދޮށީއުމުރުގެ މީހުންނަށް ދެވޭ ވަގުތު ކުޑަވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.


"އެމީހުނާއި ވާހަކަ ދައްކާލުން، އެކުގައި ވަގުތު ހޭދަކޮށްލުން ފަދަ ކަންކަން ކުރުމަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެވޭ ފަހަރު ވެސް އާދޭ. ގަސްދުގައި ނޫން ނަމަވެސް އިހުމާލު ވެވޭ ފަހަރުތައް ވެސް އާދޭ." ލަހޫ ވިދާޅުވިއެވެ.


އެހެންނަމަވެސް މިއީ އާއިލީ ގުޅުންތައް ބަދަހިކުރުމަށް އަޒުމް ކަނޑައަޅާނެ ދުވަހަކަށް ހަދަން ޖެހޭ ކަމަށާއި ވަގުތު ހުސްކޮށްގެން ނަމަވެސް، އަޅުގަނޑުމެންގެ މައިންބަފައިންނާއި، މާމަމެން ކާފަ މެންނާއެކު ދުވަހުގެ ކޮންމެސް ވަގުތުކޮޅެއް ހުސްކޮށްގެން ވަގުތު ހޭދަކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަކީ އެމީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނައުމަށް، ކޮންމެވެސް ކަމެއް ކުރާނެ މީހެއްކަމުގައި ވާން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު