ތުރުކީ ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ހާއްސަ ހަފުލާއެއް

2 weeks ago

އަފްރާހް

ތުރުކީ ސްކޮލަރޝިޕްތަކަށް އެދުނު ދަރިވަރުންގެ ތެރެއިން، ސްކޮލަރޝިޕަށް މިހާތަނަށް ހޮވިފައިވާ 14 ދަރިވަރުންނަށް ހާއްސަ ހަފްލާއެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބާއްވައިފިއެވެ.


އެ ހަފްލާގައި ބައިވެރިވީ ތުރުކީއަށް ދިޔުމަށް ވިސާއާއި އެހެނިހެން ކަންކަން ހަމަޖެހިފައިވާ 11 ދަރިވަރުންނެވެ.


މި ސްކޮލަޝިޕަތަކަށް ދަރިވަރުންގެ ނަން ހުށަހެޅުމުގައި، ރާއްޖެއަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތައް ކަމަށް ކަނޑައަޅާފައިވާ "ޓްރެއިނިންގ ނީޑްސް" ލިސްޓްގައި ހިމެނިފައިހުރި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުށަހަޅާފައިވާ ދަރިވަރުންނަށް ވަނީ އިސްކަންދީފައެވެ.


ތަފާތު ކިތަންމެ ދާއިރާތަކަކުން ކުރިއަށް ދިޔުމަށް ހުޅުވައިލި މި ސްކޮލަޝިޕް ފުރުސަތުގައި، ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީއާއި ޑޮކްޓޯރަލް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތައް ހިމެނުނެވެ.


މީގެއިތުރުން ތުރުކީ ވިލާތަށް ދަތުރު ކުރުމަށާއި، ކިޔަވައި ނިމިގެން އެނބުރި ރާއްޖެ އައުމަށް ދޭ ދެކޮޅު ޓިކެޓާއި، އެހެނިހެން ކުދިކުދި ޚަރަދުތައް ހަމަޖެއްސުމަށް ދޭ ސްޓައިޕެންޑްގެ ޚަރަދު ވެސް، ސްކޮލަރޝިޕް ދޭ ފަރާތުން، ތުރުކީ ވިލާތުގެ ސަރުކާރުގެ އެހީގައި ދަރިވަރުންނަށް ހަމަ ޖައްސައި ދެއްވާނެއެވެ.


މި ހަފްލާގައި ބައިވެރިވާ 11 ދަރިވަރުންނަކީ ތުރުކީވިލާތުގައި ބެޗްލާރސް ޑިގްރީއަށް ކިޔެވުމަށް ހޮވުނު 7 ދަރުވަރުންނާއި، މާސްޓަރސް ޑިގްރީ ހަދަން ހޮވުނު 4 ދަރިވަރުންނެވެ. މި ދަރިވަރުން މިވަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ތުރުކީއަށް ފުރުމަށް ތައްޔާރުވެފައެވެ. މިނިސްޓްރީން މި ދަރިވަރުންނަށް އެދެނީ ފުރިހަމަ ކާމިޔާބީއެވެ.


މި ހަފްލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސް ބައެއް ވެރިންނާއި، ތުރުކީ ވިލާތުގައި ހުންނަވާ ދިވެހި ސަފީރާއި ސަފާރާގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަތެވެ. 


ކިޔުންތެރިންގެ ހިޔާލު