ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބީއެމްއެލް އިން ޕްރޮޖެކްޓެއް

2 weeks ago

އަފްރާހް

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ތައާރަފްކޮށްފިއެވެ.


މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ޕްރޮޖެކްޓެކެވެ.


ކުނި މެނޭޖްކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.


މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް އެ ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތް ކަމަށެވެ. އަދި ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އެ ބޭންކުން މުޖުތަމައަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާ ކަމަށެވެ.


އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓް މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން. މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްވެސްމެ." ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.


ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މިފަދަ މަޝްރޫއުތައް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ.


މި ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށެވެ. ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް community@bml.com.mv އަށް 21 އޮކްޓޫބަރު ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ހުށަހެޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު