6 hours ago
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އާންމުކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި އަސާސްތަކާއި މިންގަނޑުތަކަކީ ރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ. މިއީ ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ އަސާސެކެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަގްސަދު ހާސިލްވަމުންދާ ކަމަށެވެ. އަދި މި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓު ކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށެވެ.
މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒައްދީން އަދުނާން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ މި މަސައްކަތްކުރުމަށްޓަކައި އިސްލާމިކް މިނިސްޓަރު ވެދެއްވި އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި ޢަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސައްހަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއު އަށެވެ. އަދި ގިޔާސްއާއި އިސްލާމީ ފިގްހުގެ ގަވާއިދުތަކާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތަކުގެ އަލީގައްޔާއި ބައިނަލްއަގްވާމީ އިސްލާމީ ފިގްހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސުތަކުގެ ގަރާރުތަކުގެ ނިންމުންތަކަށެވެ.
މީގެއިތުރުން އިސްލާމީ ގައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން ޢަމަލުކުރަމުންދާ ފިގްހީ އުސޫލުތަކަށް ބަލައިގެންނެވެ.
މި އަސާސްތަކާއި މިންގަނޑުތަކުގެ މަގްސަދުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުމާއި މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުއީ އަސާސުތައް ބަޔާންކުރުން ހިމެނެއެވެ. އަދި މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން ވެސް ހިމެނެއެވެ.
ހަމަމިއާއެކު ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތަކާއި މުދަލު ޒަކާތްދެއްކުމާ ގުޅޭ އާންމު އުސޫލުތަކާއި ޒަކާތު ބެހެނިވެރީންގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތައް ވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މި މަސައްކަތްކުރުމުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.