ރައްޔިތަކު ފުލުހުން ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުލާތި

2 weeks ago

އަފްރާހް

ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ ރައްޔިތުން މާޔޫސް ނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.


ސީޕީ މިފަދައިން އެދިވަޑައިގަތީ ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްދޫ، ކެލާ އަދި އުތީމަށް ކުރެއްވި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާ ދެއްކެވި ފާހަކައިގައެވެ.


މީގެއިތުރުން ރައްޔިތުންނާ ބައްދަލުވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.


ކޮމިޝަނަރ ޝުޖާއު ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. މި ދަތުރުފުޅަކީ ހއ. އަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، މީގެ ކުރިން ދިއްދޫއާއި ކެލާއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.


މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު