އަބަދު ފޮތެއްގެ ތެރޭގައި އިނދެގެން މޮޅު އެކަޑެމިކް ނަތީޖާއެއް ނުހޯދޭނެ: މިނިސްޓަރ

2 weeks ago

އަފްރާހް

ކިޔެވުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނީ ހަމައެކަނި އަބަދު " ފޮތެއްގެ ތެރޭގައި" އުޅެގެން ނޫން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


ތުރުކީން ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގާ މިނިސްޓަރ ވަނީ ފުރިހަމަ ތައުލީމަކީ އުޅޭމާހައުލާއި، ކުރެވޭ އައު ތަޖްރިބާތަކުން ތިމާގެ ރޫހަށާއި ޖިސްމަށް ލިއްބައިދޭ ހަމަޖެހުން ޝާމިލްވެގެން ހޯދޭނެ އެއްޗެއްކަން ފާހަގަކުރައްވާފައެވެ.


އެގޮތުން ހަމައެކަނި ފޮތްކިއުމުގެ އިތުރުން އިތުރު ހަރަކާތްތަކަށް ވެސް ވަގުތު ހޭދަކުރަން ޖެހޭ ކަމަށާއި އެއީ ކިޔަވައިނިމި ހިދުމަތަށް ނުކުންނައިރު މީހާ އަކީ ހުރިހާގޮތަކުން ގާބިލްކަން އިތުރުވެފައިވާނެ މީހަކަށް ވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.


މިމޭރަމުން އިތުރަށް ވިދާޅުވީ ކިޔެވުމުގައި އެ ކުއްޖަކު ދިރިއުޅޭ މާހައުލެއްގައި ހުންނަ ރަނގަޅު ފައިދާހުރިކަންކަން، ލިބޭ އިތުރު ވަގުތުތަކުގައި އުނގެނި ދަސްކުރުމަކީ ކުރިމަގުގައި ފައިދާކުރާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ.


އެގައުމުގެ މުއްސަނދި ސަގާފަތުން ކަންކަން ދަސްކޮށް، ދޭދޭ ގުޅުންތައް ބަދަހި ކުރުމަކީ ވެސް މުހިންމުކަމެއް ކަމަށާއި މިގޮތަށް ކަންކަން ބައްޓަން ކުރާއިރު އަބަދު ވެސް ތިމާމެންގެ ދީނާއި ސަގާފަތް ހަނދާން ނައްތައިލައިގެން ނުވާނެކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.


ހަމަމިއާއެކު އެފަދަ އެހެންކަންކަމަށް ސަމާލުކަން ދީގެން، އަރުތަ ހާސިލުކޮށް، ރާއްޖޭގެ ތަރައްގީ އަށް ހިދުމަތް ކުރުމަށް ބޭނުންވާ ގާބިލުކަމާއި ހުނަރު ހޯދައިގެން އެނބުރި ގައުމީ ހިދުމަތަށް ނިކުތުމަށް މިނިސްޓަރ މާރިޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު