މަރްހޫމް އަބްދުލްމަޖީދު މާހިރަކީ ހިދުމަތްތެރި ތަޖުރިބާކާރެއް: ރައީސް

2 weeks ago

އަފްރާހް

މަރްހޫމް އަބްދުލްމަޖީދު މާހިރަކީ ހިދުމަތްތެރި ތަޖުރިބާކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވަނީ ރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ގަދަރުވެރި، ހިދުމަތްތެރި އަދި ތަޖުރިބާކާރު ހަރުދަނާ ޝަޚްސިއްޔަތެއްކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލުގެ ރައީސްކަމާއި ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައި ވެއެވެ.


ހަމަމިއާއެކު ދިވެހި ބޭސްވެރި ހަކީމެއްކަމާއި، ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މައުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ގައުމަށް ހިދުމަތްތެރި އިލްމީ، ގާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ، ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ވަނީ ދުއާ ދަންނަވާފައެވެ.


އަބްދުލްމަޖީދު މާހިރު އަވަހާރަވުމުގެ ހިތާމައިގާ 'އޮއިވަރު' މީޑިއާ ވެސް ޝާމިލުވާ ހާލު، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު