ފޯޅަވަހި، މޮރީޝަސްއާ ހަވާލުކުރަން އިނގިރޭސިން އެއްބަސްވެއްޖެ

2 weeks ago

އަފްރާހް

ފޯޅަވަހި، މޮރީޝަސްއާ ހަވާލުކުރަން އިނގިރޭސިން އެއްބަސްވެއްޖެއެވެ.


މިކަން ހާމަކުރީ އިނގިރޭސވިލާތާއި މޮރީޝަސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ.


އެބަޔާނުގައިވާގިތުން ފޯޅަވަހި، މޮރިޝަސް އާ ހަވާލުކުރަނީ އެ ރަށްތަކުގެ އަސްލު ވަޒަންވެރިންނަށް އެ ރަށްތަކަށް އެނބުރި ދެވޭނެ ގޮތަށެވެ. އެހެންނަމަވެސް އިނގިރޭސީން އެމެރިކާއަށް ކުއްޔަށްދީފައިވާ ޑިއޭގޯ ގާސިއާގައި، ކުރިއަށް އޮތް 99 އަހަރުވަންދެން އަސްކަރީ މަރުކަޒު ހުއްޓުމެއްނެތި ހިންގުމުގެ ހުއްދައާއި ބާރު އޮންނަންވާނެކަމަށް ވަނީ ޝަރުތުކޮށްފައެވެ.


1814 އިން ފެށިގެން އެ މޮރީޝަސް ހިމެނޭހެން އެ ސަރަހައްދު އިސްތިއުމާރުކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. ޗާގޮސް އައިލެންޑްސް، މޮރީޝަސް އާ ވަކިކޮށް، އެ ރަށްތަކަށް އިނގިރޭސީން ވެރިވެގަތީ 1965 ވަނަ އަހަރުއެވެ. އެއީ މޮރީޝަސް އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުވިތާ ތިން އަހަރު ކުރިންނެވެ.


އިނގިރޭސިވިލާތުން، 1970 ވަނަ އަހަރުގެ ތެރޭގައި 1500 އެއްހައި މޮރީޝަސްއާއި ސީޝެލްސްގެ ރައްޔިތުން ވަނީ އެ މީހުންގެ ވަޒަނުން ބޭރުކޮށްފައެވެ. އެއީ 1966 ވަނަ އަހަރު، އެމެރިކާއަށް ޑިއޭގޯ ގާސިއާ ކުއްޔަށް ދިނުމަށް ނިންމި ނިންމުމާއެކުއެެވެ.


ނަމަވެސް 2019 ވަނަ އަހަރު މޮރިޝަސް އިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި، އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފައެވެ.


އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.


ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު