3 months ago
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓެއިންމަޔަރ އަށާއި، ޗާންސެލަރ އޯލަފް ޝޮލްޓްސަށް، އަރިސްކުރައްވައިފިއެވެ.
އެގައުމުގެ ރައީސް ސްޓެއިންމަޔަރ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހަކީ، އެ ގައުމު ބައްޓަންކުރުމުގެ މުހިއްމު ބަހާތަކެއް ކަމުގައިވާ އެއްބައިވަންތަކަމާއި ވިލުންތެރިކަމުގެ ރޫޙު ދައްކުވައިދޭ ދުވަހެއްކަމަށެވެ.
ޗާންސެލަރ ޝޮލްޓްސަށް ވަކިން ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރައީސް ސްޓެއިންމަޔަރ އާއި ޗާންސެލަރ ޝޮލްޓްސަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ޖަރުމަނުވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ހުޅަނގާއި އިރުމަތީ ޖަރުމަން ވަކިކުރެވިފައި އޮތް އޮތުން، 1990 ވަނަ އަހަރު ނިމުމަކަށްގެނައި ދުވަސް އިހްތިފާލުކުރުމުގެ ގޮތުންނެވެ.