ބައްސާމްގެ ދެ އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި

2 weeks ago

އަފްރާހް

ގ. ފަހިިވާގެ، ބައްސާމް އަދީލް ޖަލީލު، އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭ ގ. ފަހިިވާގެ، ބައްސާމް އަދީލް ޖަލީލުގެ މިލްކިއްޔާތުގައިވާ ހުޅުމާލޭ އަމީން އެވެނިއު ގެ ދެ އެޕާޓްމެންޓު އޮކްޓޯބަރ 6 ވަނަ ދުވަހުގެކުރިން ފުލުހުންނާ ހަވާލުކުރުމަށް ސެޕްޓެމްބަރ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.


އެހެންކަމުން އެ ދެ އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަކަަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.


ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުވާ ބައްސާމް އެ ދެ ޕެންޓްހައުސް ގަތީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިންނެވެ.


އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި ވެސް އެދިފައެވެ.


މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.


ފީފާއިން އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށް އެފްއޭއެމުން އަމީން އެވެނިއު އަށް އެ ފައިސާ ހަވާލުކޮށްފައިވަނީ އޭޕްރީލް 14، 2021 ގައެވެ. ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ކުރީންވަނީ ވިދާޅުވެފައެވެ.


އެހެންނަމަވެސް އެ ފައިސާ އަނބުރާ އެފްއޭއެމް އެކައުންޓަށް ޖަމާކޮށްފައި ނުވާއިރު، އޭގެ ބަދަލުގައި އެކި ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ވަނީ ދައުރުކޮށްފައެވެ.


މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑު ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު