މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން މުހިންމު: މިނިސްޓަރ

2 weeks ago

އަފްރާހް

ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ހާސިލުކުރުމަށް މަސައްކަތްކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށް ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވެފައިވަނީ ތުރުކީ ސްކޮލަރޝިޕް ހާސިލުކޮށްފައިވާ ދަރިވަރުން ބޭރަށް ފުރުމުގެ ކުރިން އެ ދަރިވަރުންނަށް އަލްވަދާއުކިޔުމުގެ ގޮތުން އެ މިނިސްޓްރީން ބޭއްވި ހަފްލާގައެވެ.


މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ އަސާސީ ޚަރަދުތަށް ބެލެހެއްޓުމަށްދޭ ސްޓައިޕެންޑްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، ތަފްސީލީ ބަޖެޓެއް އެކުލަވާލައި، ކެއުން ބުއިމާއި، ދަތުރު ފަތުރު ކުރުން ފަދަ އަސާސީ ކަންތައްތަށްކުރުމުގައި، ޚަރަދުކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ލިބޭ އެއްޗަކާއި ނުބައްދަލު ޚަރަދުތަކުން ދުރުހެލިވާން ޖެހޭކަމެށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ޕާޓްޓައިމް ވަޒީފާތަކުގައި ހަރަކާތްތެރިވުމާއި، ޓިއުޝަން ނަގައިދިނުމާއި، ފްރީލާންސް މަސައްކަތްތައްކުރުމާއި، ކިޔެވުމުގެ ވަގުތުތަކާ ފުށުނާރާ ގޮތަށް ހުންނަ އެހެނިހެން އަމިއްލަ މަސައްކަތްތަކުގެ ސަބަބުން މާލީ އެހީތެރިކަން ލިބި، މުސްތަގްބަލުގައި ކެރިއަރ ކުރިއެރުވުމަށް ބޭނުންތެރި ތަޖުރިބާތަކެއް ވެސް ލިބިގެންދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.


މިނިސްޓަރ ޑރ. މާރިޔާ ވަނީ ލިބޭ ހުސް ވަގުތުތަކުގައި އެގައުމުގެ އާދަކާދަތައް ބަލައިލާ ދަސްކޮށް ތަޖރިބާ ހޯދުމަކީ ވެސް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.


އެހެންނަމަވެސް އެގޮތަށް އުޅުމުގައި އަބަދު ވެސް ދަރިވަރުންނަނީ ގައުމު ތަމްސީލްކުރާ ބައެއްކަން ހަނދާނުން ނައްތާލައިގެން ނުވާނެކަން ހަނދާންކޮށްދެއްވިއެވެ. އަދި އަބަދުވެސް ދީނުގެ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ހުލްގުހެޔޮކަމާއި، އެކު ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު