ތައުލީމު ހާސިލުކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓަރ ވުމަށް އިލްތިމާސްކޮށްފި

2 weeks ago

އަފްރާހް

ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު އިލްތިމާސް ކުރައްްވައިފިއެވެ.


އެކަމަނާ މިފަދައިން އިލްތިމާސް ކުރެއްވީ ތުރުކީން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.


އެންބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އޭރުން ދިމާވާ ކަންކަމުގައި އެންބަސީން ދަރިވަރުންނަށް އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.


"ތުރުކީގައިވާ ދިވެހިރާއްޖޭގެ އެންބަސީން އެ ގައުމުގައި، މަތީ ތައުލީމު ހާސިލުކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީކަން އަޅުގަނޑު އަރުވަން." ހާލާ ވިދާޅުވިއެވެ.


ޑރ. ހާލާ އިތުރަށް ވަނީ ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލަރޝިޕްގެ ފުރުސަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ވިދާޅުވީ ސްކޮލަރޝިޕް ތުރުކީވިލާތުގައި މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، އެ ގައުމުގެ އާދަކާދައާއި ސަގާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.


ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލަރޝިޕްގައި، ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުސަތުތައް ހިމެނެއެވެ. މި ފުރުސަތުތަކުގެ ތެރެއިން، މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަރޝިޕަށް ހޮވި، އޭގެތެރެއިން 11 ދަރިވަރުން ވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު