3 months ago
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު ހުޅުވައިފިއެވެ.
މި މިސްކިތާއި ސަހަރާ ހުޅުވައި ދެއްވީ 4 އޮކްޓޫބަރ 2024 ވީ ހުކުރު ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަދި މާލެ ސިޓީގެ ކުރީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވަރަށް ގިނަ ގިންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް، މި މަސައްކަތް ނިންމެވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ފެއްޓެވީ، 2024 ޖެނުއަރީ މަހުގައެވެ. މި މަސައްކަތަށް ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް، ފައިސާ ދިން ނަމަވެސް މަސައްކަތް، އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާޠިލްކޮށް އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރެއްވިއެވެ.
މީގެއިތުރުން މޭޔަރ އާދަމް އާޒިމްގެ އިސްނެގުވުމާއި، މަސައްކަތްޕުޅުން، ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީފުޅުތައް، މި މަސައްކަތަށް ހޯއްދެވިއެވެ.
މިގޮތުން މި މަސައްކަތަށް އެހީ ދެއްވި ފަރާތްތަކަކީ، އެލިއާ އިންވެސްޓްމެންޓް، އެޕޯލޯ އިންވެސްޓްމެންޓް، ހައިމަން ކޮންސްޓްރަކްޝަން، ބީ6 ކޮންސްޓްރަކްޝަން، ޕްރޯ އޭސީ އިންޖިނިއަރިންއެވެ.
އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު، އަލުން ހުޅުވުމުން މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް، ހުޅުމާލެއަށް ގެންދިއުމަށް، އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.