އޮޕަރޭޝަން ހިރާސް ފާސް: ތިން ދުވަހުން 402 ތަނެއް ބަލައިފި

2 weeks ago

އަފްރާހް

ނުރައްކާތެރި ކެމިކަލާއި ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް ހިންގާ އޮޕަރޭޝަންގައި މިހައިތަނަށް 402 ތަނެއް ބަލައިފިއެވެ.


އެމްއެންޑީއެފް އިން ވަނީ "އޮޕަރޭޝަން ހިރާސް ފާސް" ގެ ފުރަތަމަ ތިން ދުވަހުގެ އަދާހަމަ، ހާމަކުރައްވާފައެވެ.


އެ އިދާރާ އިން ވިދާޅުވީ މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހު އިންސްޕެކްޝަން ޓީމްތަކުން، މީހުން ދިރިއުޅޭ 347 އިމާރާތާއި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާއި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.


މި ހިނގާ އޮކްޓޯބަރ މަހުގެ 1 ން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާނެއެވެ. އދި ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެއެވެ.


ރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރާ ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ ޑިފެންސް މިނިސްޓްރީން ރެގިއުލޭޓުކުރާ ކަމެކެވެ.


އެ މިނިސްޓްރީން މި އޮޕަރޭޝަން ފަށާފައިވަނީ، މިފަދަ ކެމިކަލްތައް ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފުވަމުންދާކަން ފާހަގަކުރެވޭތީއެވެ.


މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަނެއް ހުރެއެވެ. އެއީ މާލޭގައި 77 ގުދަނަކާއި ހުޅުމާލޭގައި 36 ގުދަނަކާއި ތިލަފުށީގައި 172 ގުދަނެވެ.


ކިޔުންތެރިންގެ ހިޔާލު