ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގަ

2 weeks ago

އަފްރާހް

އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ހަރާމް ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


"ގެވެށި އަނިޔާ" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ ގެވެށިއަނިޔާގެ ތެރޭގައި ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާ ކަމަށެވެ. އަދި މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތައް ވެސް ހިމެނޭ ކަމަށެވެ.


"އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސްކަމުގައިވާ އޯގާވެރިކަމާ އަރައިރުންވުން. މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުހްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނަންޖެހޭ ކަމެއް." ހުތުބާގައި ބުނެފައި ވެއެވެ.


މީގެއިތުރުން ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.


ހުތުބާގައި ބުނީ ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތުކުރަނީ އަހުލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް ކަމަށާއި ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ކަމަށެވެ. އެހެންނަމަވެސް މި ގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުންކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.


ހަމަމިއާއެކު ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި ހަގީގަތުގައި ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައިކަން ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު