ރައީސް ޑރ. މުއިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވަނީ

2 weeks ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވަން ނިންމަވައިފިއެެވެ.


ރައީސް އޮފީހުން ވިދާޅުވީ މިއީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅު ކުރައްވާނީ މި އޮކްޓޫބަރު މަހުގެ 6 ން 10 އަށް ކަމަށެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި އެ ގައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ރައީސް ޑރ. މުޢިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވާފައެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.


މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަން ވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްގީ އަށް މުހިންމު ހުރިހާ ގައުމަކާ ވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު