އައުޓްރީޗް ޕްރޮގްރާމް އަންނަ ހަފްތާގައި ފަށަނީ

2 weeks ago

އަފްރާހް

ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް އަންނަ ހަފުތާގައި ފެށުމަށް ނިންމައިފިއެވެ.


މިއީ އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް، ވަރލްޑް ބޭންކުގެ އެހީގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


އެ މިނިސްޓްރީން އިމްޕްލިމެންޓްކުރާ މި ޕްރޮގްރާމް މި މަހު 7 ގައި ފެށުމަށްވަނީ ލ އަތޮޅުންނެވެ. އެގޮތުން މި މަހު 7 އިން 10 އަށް އެ އަތޮޅު ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސް ގެ ޓީމެއް ދަތުރުކުރާނެއެވެ.


އަތޮޅުތެރެއަށް ކުރާ މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.


މީގެއިތުރުން ނޭޝަނަލް ކެރިއަރސް ސަރވިސް (އެން.ސީ.އެސް) ގެ ހިދުމަތްތަކުގެ މައުލޫމަތު ފޯރުކޮށްދީ, އެން.ސީ.އެސް ޕޯޓަލް އަހުލުވެރިކޮށް، ވަޒީފާ ހޯދާފަރާތްތަކާއި ވިޔަފާރިވެރިން، އެން.ސީ.އެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ.


އެން.ސީ.އެސް ގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއަރ ގައިޑެންސް ގެ ހިދުމަތް ދަރިވަރުންނާއި، އެފަރާތްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މަދުރަސާ ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކާއި، ވަޒީފާއަދާ ކުރަން ފެށުމަށްފަހުވެސް ކެރިއަރ އެގްވައިސް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރުވާނީ ފެށިފައެވެ.


މީގެއިތުރުން ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފެށުމަށްވަނީ ހަމަޖެހިފައެވެ.


ހަމަމިއާއެކު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށާއި ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ހަރަކާތްތަކެއް ވެސް ކުރިއަށް ގެދިއުން ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު