ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ ހިދުމަތް ގާއިމްކުރަނީ

2 weeks ago

އަފްރާހް

ރާއްޖޭގެ ރަށްތަކުގައި ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސާ މަރިޔަމް ވަޙީދާ (މަރީ) ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ.


އެ މެސެޖުގައި މަރީ ވަނީ ބްރޯޑްކޮމްގެ އަމާޒަކީ ރާއްޖޭގެ ބްރޯޑްކާސްޓަރުންނާ ގުޅިގެން މަސައްކަތްކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. އަދި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ފަހުގެ ޒަމާނީ ތަމްރީންތައް ފޯރުކޮށްދޭންޖެހޭކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އެފަރާތްތަކަށް ތަމްރީން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުން މިފަދަ ފުރުސަތުތައް ހޯދައިދިނުމަށް މިހާރުވެސް ގިނަ ގައުމުތަކަކާއެކު މަޝްވަރާތައް ބޭއްވި، ބައެއް ގައުމުތަކުން ފެހު ސިގްނަލް ލިބިފައިވާކަމަށް ވެސް ވިދާޅުވިއެވެ.


މަރީ އިތުރަށް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޑިއަންސް ސަރވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.


ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހެވެ.


އެންމެ ފުރަތަމަ ރާއްޖޭގައި ބްރޯޑްކާސްޓިންގ ހިދުމަތް ފެށީ، ރޭޑިއޯ ބްރޯޑްކާސްޓިންގ ހިދުމަތާއެކު 1962 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު