އިސްލާމްދީނުގައި ސާބިތުވެތިބެންވީ ނިޔަތާއި ބަހާއި ޢަމަލުން: ރައީސް

2 weeks ago

އަފްރާހް

ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ވަނީދިވެހި މުޖުތަމައަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމައަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.


މީގެއިތުރުން ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީ ވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން ވަނީ ފާހަގަކުރައްވާފައެވެ.


ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާގީ ސިފަފުޅުތަކުން ކަމަށާއި ދޮގު ހެދުމާއި ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި ޢަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ފާހަގަކުރެއްވިއެވެ.


ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއާއި ދައުލަތާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު