ފިކުރާއި ސިކުނޑީގެ ގޮތުންވެސް ގައުމު ބިނާކުރުމަށް ރައީސް ގޮވާލައްވައިފި

2 weeks ago

އަފްރާހް

ގެދޮރާއި އުމްރާނީ ތަރައްގީގެ ގޮތުން ގައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުން ވެސް ގައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިއަދަކީ މުދައްރިސުންގެ ދުވަސްކަމުގައި ވާތީ، މުދައްރިސުންނާ ވެސް މުހާތަބުކުރައްވާފައެވެ.


އެގޮތުން އިންސާނިއްޔަތާއި އަހުލާގާއި މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.


އެމަނިކުފާނު ވަނީ ދިވެހި ދަރީންނަކީ ދިވެހި ގައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި ބަޔަަކަށް ހެދުމަށް މުދައްރިސުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުގާއި ގާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.


މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާނޭކަން ފާހަގަކުރައްވައި، ރައީސް ވަނީ، އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާހީ އެތައް ބިނާއެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނުން އެނގޭ ފަދައިން ހާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަން ވެސް އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.


ފިކުރާއި ސިކުނޑީގެ ގޮތުން ގައުމު ބިނާކުރުމުގެ ޝިއާރަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ގައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ގައުމުގެ ކޮންމެ ރައްޔިތަކު ވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު