ނުކުޅެދުންތެރިކަން ހުންނަ 5 ފަރާތްތަކަަށް އާރްޑީސީގެ ދަސްވާރު ޕްރޮގްރާމް

2 weeks ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް ފަށައި، އިންޓަރނުންގެ ގޮތުގައި އައްޔަނު ކުރެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ 5 ފަރާތަކަށް އޮފަރ ލެޓަރ ހަވާލުކޮށްފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު 30 ޖޫން 2024 ގައި ސޮއިކުރި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހިމެނޭ 5 ބައިވެރިންނަށް ޢަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ވަނީ ނިންމާފައެވެ.


އެގޮތުން އާރް.ޑީ.ސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު އެ ބައިވެރިންނަށް ދޭނެއެވެ. އަދި ޕްރޮގްރާމްގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.


މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިއްބައިދިނުމާއެކު، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކުރުމެވެ.


މިފަދަ އިންޓަރންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން، ވަޒީފާ ދޭ ފަރާތްތައް ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެއެވެ.


މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދާއިމީ ވަޒީފާތަކުގެ ފުރުސަތުތައް ފަހިވެ، މަސައްކަތުގެ މާހައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެއެވެ.


ކުރިއަށް އޮތް ތަނުގައި ވެސް އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު