މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ބޭނުން: ރައީސް

2 weeks ago

އަފްރާހް

މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.


މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ މުދައްރިސުންނަކީ އުށްބައްތިތަކެއް ފަދަ ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މުދައްރިސުން ކުރާ މަސައްކަތްތައް އެމަނިކުފާނު ސިފަކުރައްވާފައި ވަނީ އުށްބައްތީގެ ހުޅުކޮޅުން އެތައްހާސް ބައްތިއެއް ދިއްލާލެވޭގޮތަށް، އަދި އޭގެ އަލިކަމުގެ ތެރޭގައި ކުރިޔަށްދާ ދިއުންފަދައިންނެވެ.


ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް އެމަނިކުފާނު ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ. އަދި ގެދޮރާއި އުމްރާނީ ތަރައްގީގެ ގޮތުން ގައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.


މީގެއިތުރުން އިންސާނިއްޔަތާއި، އަޚުލާގާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ބޭނުންފުޅުވާކަން ވަނީ ފާހަގަކުރައްވާފައެވެ.


ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު