ވޭމަންޑޫގައި އައިސް ޕްލާންޓެއް ގާއިމް ކޮށްދިނުމަށް މިނިސްޓަރ އަށް ދަންނަވައިފި

2 weeks ago

އަފްރާހް

ކޮޅުމަޑުލު ވޭމަންޑޫގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކޮށްފައިވަނީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލުގެ ރައީސް އަދި މެންބަރުންންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


މި ބައްދަލުކުރެއްވުމުގައިި އެރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވެސް ވަނީ މިނިސްޓަރާއި ހިއްސާކޮށްފައެވެ.


މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސަވައި ދެއްވުމަށް މިނިސްޓްރީގެ އެހީތެރިކަަމަށް އެދިލައްވައި، ވޭމަންޑޫގައި އައިސް ޕްލާންޓެއް ގާއިމް ކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ރަށުގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވުމަށް ވެސް މިނިސްޓަރުގެ އަރިހުން ވަނީ އެދިލައްވާފައެވެ.


މީގެއިތުރުން އެއަތޮޅު ފުނައްޑޫގެ ކާރުޚާނާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ދެއްވުމަށް ވަނީ އެދިލައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ވޭމަންޑޫގެ ތަރައްގީ އަށް ކުރިޔަށްގެންދަވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު މައްޗަށް އަލިއަޅުވައިލައްވާފައެވެ.


މިގޮތުން މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ އާރް.އެސް.ޑަބްލިއު އެޅުމަށް އެސް.ޑީ.އެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލުއިލޯނާ ގުޅޭ މައުލޫމާތު ވަނީ ކައުންސިލުގެ ބޭފުޅުންނަށް ހިއްސާ ކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު