ޗާގޯސް މައްސަލައިގާ ސަރުކާރުގެ ވައުދާ އެއްގޮތަށް ޢަަމަލެއް ނުކުރޭ: ދަ ޑިމޮކްރެޓްސް

2 weeks ago

އަފްރާހް

ސަރުކާރުގެ ވައުދާ އެއްގޮތަށް ޗާގޯސްގެ މައްސަލާގައި ޢަމަލުކުރައްވާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ދަ ޑިމޮކްރެޓްސް އިން ފާޅުކޮށްފިއެވެ.


އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިއަ ސިޔާސަތު ނިމިދިއަ ސަރުކާރުން ބަދަލުކުރެއްވި ކުރެއްވުމުން ރާއްޖެއަށާއި ދިވެހީންނަށް ލިބުނުގެއްލުމާމެދު ރައީސް ޑރ. މުޙައްމްދު މުޢިއްޒުގެ ސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށެވެ.


މީގެއިތުރުން ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކޮށް، ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލައްވައި، އ.ދ. ގައި އެގޮތަށް ވޯޓްދެއްވުމަކީ އެ ޕާޓީން މީގެކުރިން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުށްވެރިކުރިކަމެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.


އެއަށްފަހު އަލަށް އުފެދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާކުރައްވާނެ ކަމަށާއި ޗާގޯސްގެ ރައްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނޭކަމަށް ރިޔާސީ ވަޢުދެއްގެ ގޮތުގައި ވިދާޅުވަމުން ގެންގޮސްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.


އެހެންނަމަވެސް މި ސަރުކާރުން ވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިކަން އިއުލާނުކޮށްފައިވާއިރު، މިއީ ދައުވާކުރުމުގެ ހައްގު ރާއްޖެއިން ދޫކޮށްލެއްވުމުގެ ސަބަބުން ނުވަތަ އެ ހައްގު އަލުން ހޯދައިދިނުމަށް މަސައްކަތްނުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތައް ލިބިގެންދާ ގެއްލުމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު