2 months ago
ބަންކަރިން ހިދުމަތް ހޯދާ ބޯޓުތަކުގެ ކުނި އުކައިދިނުން ވެމްކޯ އަށް ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮކްޓޯބަރ 6 ވީ އާދީއްތަ ދުވަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ބޭއްވިޔަ ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި އެމްޕީއެލް އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
ބޯޓުތަކުން ކުނި ނަގާ، އެކުނި މެނޭޖު ކުރުމުގެ މަސައްކަތް އެސަރަހައްދުގެ ކައިރި ރަށެއްގައި ކުރުމަށް ނިންމާފައިވާއިރު، މިކަމަށް ހާއްސަ ފެސިލިޓިއެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މި ހިދުމަތާއެކު އެމްޕީއެލް އާއި ވެމްކޯއަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ ވެމްކޯއިން ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" ވެސް މޭނޭޖް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ގާއިމް ކުރެވޭ ސެންޓަރުން ކުނިތައް، ކުނބުރުދޫގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ 19 ސެޕްޓެމްބަރ 2024 ގައެވެ.