މީރާގެ ފުރަތަމަ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން އިވެންޓް ބާއްވައިފި

2 months ago

އަފްރާހް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބައެއް ސްޓޭކްހޯލްޑަރުންނާއެކު "މީރާގެ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން އިވެންޓް"ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.


މި ބައްދަލުވުން ބާއްވާފައިވަނީ ކުރިއަށް އޮތް 4 އަހަރުގެ މީރާގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގައި، މި އޮތޯރިޓީގެ "މަސްލަހަތުވެރިން"ގެ ޚިޔާލާއި މަޝްވަރާހޯދާ، މީރާއިން އިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ޓެކްސްދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެފަދަ ގޮތަކަށް މީރާގެ މަސައްކަތްތައް ބައްޓަންކުރުމަށެވެ.


މި ބައްދަލުވުމުގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (އެމް.އޭ.ޓީ.އައި)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) ފަދަ ޖަމްއިއްޔާތަކާއި ޓެކްސް ފާރމްތަކާއި އޮޑިޓަރުން ބައިވެރިވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.


މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރު ވަނީ ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ ޓެކުހުގެ ނިޒާމް ހަރުދަނާ ކުރުމަށް، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މީރާގެ އަމާޒަކީ 'ފެސިލިޓޭޓިވް' މުއައްސަސާއެއްގެ ގޮތުގައި ޓެކްސްދައްކާ ފަރާތްތަކަށް ލުއި ފަސޭހަކާމާއެކު ޓެކުހުގެ އިލްތިޒާމް އަދާކުރެވޭ ޤާބިލް މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުންކަން ވެސް ފާހަގަކުރެއްވިއެވެ.


މި ބައްދަލުވުމުގައި މައިގަނޑު ތިން މައުޟޫއަކަށް މަޝްވަރާކޮށްފައިވެއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޓެކްސްދައްކާ ފަރާތްތަކާއި މީރާއިން މުއާމަލާތްކުރުމަށާއި މައުލޫމާތުފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ކުރާމަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޓެކްސް ދައްކާ ފަރާތްތަކުން ހޯދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޓެކްސްދެއްކުމުގެ މަސައްކަތް އިތުރަށް ލުއިފަސޭހަކުރުމާއި، މީރާ އާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންނެވެ.


މި މަޝްވަރާގައި ބައިވެރިން ހިއްސާކުރި މުހިއްމު ކަންތައްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ ތަޖުރިބާ އިތުރުކުރުމުގެ ދަށުން މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ ގޮތުން ޚިޔާލުފާޅުކޮށް، ވެބްސައިޓަށް ގެނެވޭނެ ބަދަލުތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. 


މީގެއިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، ޓެކްސް ދަރަނި ކުޑަކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ބައިވެރިން ހިޔާލުފާޅުކޮށްފައިވެއެވެ.


"ގުޅިގެން މީރާ" އިނިޝިއޭޓިވްގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު މެދުނުކެނޑި މި ފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މީރާއިން ރާވާފައިވާކަން ވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު