ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

2 weeks ago

އަފްރާހް

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެސް.ސީ) ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.


އެމް.އެސް.ސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ކަމަށްވާ " “MSC MANASA F ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފައެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލްއިން ވަނީ އިއްޔެ ވޯޓަރ ސެލިއުޓްއެއް ދީފައެވެ.


އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމް.ޕީ.އެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލާ އެރުވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަން އިން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސީ.އީ.އޯ ވަޖީހް ފާހަގަކުރެއްވިއެވެ.


ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރ އައިމަން ޖަލީލް ވިދާޅުވީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމް.ޕީ.އެލްގެ ފަރާތުން ކަމަށެވެ. އަދި އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.


އެމް.އެސް.ސީގެ ބޯޓުން 800 ކޮންޓޭނަރ ވަނީ ރާއްޖެ ގެނެސްފައެވެ. މީގައި ހިމެނެނީ މުޅިންވެސް ޖެނެރަލް ކާގޯއެވެ.


ކިޔުންތެރިންގެ ހިޔާލު