2 months ago
ބ. ދަރަވަންދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރުމަށް ނިންމައިފިއެވެ.
ވިޒިޓް ދަރަވަންދޫ 2025 ގެ ނަމުގައި ދަރަވަންދޫ ކައުންސިލުން ހިންގުމަށް ނިންމާފައިވާ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރަށް އިތުރަށް މަޝްހޫރުކޮށް، ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް އިތުރުކުރުމެވެ.
ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީޙް އޭދަފުށީ ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މި ހަރަކާތް ކުރިއަށްދާނީ އަންނަ އަހަރުގެ ކޮންމެ މަހަކު ވަކި ހަރަކާތެއް ހިންގުމުގެ މައްޗަށެވެ. އަދި މި ހަރަކާތް ރަސްމީކޮށް ފެށުމަށް މި މަހުގެ 24 ވަނަ ދުވަހު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
“މި ޖަލްސާގައި އަޅުގަނޑުމެން ހިއްސާކުރާނީ ވިޒިޓް ދަރަވަންދޫ 2025 ގައި ކުރާނެ ހަރަކާތްތަކުގެ ތަފްސީލުތައް. އަދި މި ހަރަކާތުގެ ލަވައާއި، ޕްރޮމޯޝަނަލް ލޯގޯ ފަދަ ތަކެތިވެސް އިފްތިތާޙް ކުރެވޭނެ،” އަލީ ސަމީހް ވިދާޅުވިއެވެ.
މީގެއިތުރުން މި ހަރަކާތުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދަރަވަންދޫ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ވެސް ދަރަވަންދޫގައި 14 ގެސްޓްހައުސް ހުރިއިރު، އިތުރު ގެސްޓްހައުސްތަކެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.