2 months ago
ސެޕްޓެންބަރު 2024 ގައި މީރާއަށް 2.30 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ93.1 އިންސައްތަ މަތީ އަދަދެކެވެ. އަދި ސެޕްޓެންބަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.7 އިންސައްތަ އިތުރު އަދަދެކެވެ.
މީރާ އިން ވިދާޅުވީ ސެޕްޓެންބަރު މަހުގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
މީގެއިތުރުން، މިއަހަރުގެ ސެޕްޓެންބަރު މަހު ލިބިފައިވާ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އިތުރުވެފައިވާކަމަށް ވެސް މައުލޫމާތު ދެއެވެ.
ފައިބެއަހަރުގެ ސެޕްޓެންބަރު މަހު ޖީ.އެސް.ޓީ އަދި ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާއި ދިމާވުމާއި ގުޅިގެން، އެ ފައިސާ ބަލައިގަނެފައި ވަނީ އެއަހަރުގެ އޮކްޓޫބަރު ގައެވެ. މިއަހަރުގެ ސެޕްޓެންބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމާއެކު ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ، ކުރީގެ ސުންގަޑިތަކަށް މި މަހު ލިބިފައިވުމަކީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާއި އަޅައިބަލާއިރު މިއަހަރުގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން މަޢުލޫމާތުދެއެވެ.
މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނެވުނު 13 ވަނަ އިސްލާހާއި ގުޅިގެން ރިޒޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން މި މަހު މީރާއިން ބަލައިގެން އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މައުލޫމާތު ދެއެވެ.