އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މަޓާޓޯ އާއި ވިލާ ކޮލެޖު އެއްބަސްވުމަކަށް

1 week ago

އަފްރާހް

އެކަޑަމިކް އަދި ޕްރޮފެޝަނަލް ފުރުސަތުތަކުގެ ރޮނގުން އެއްބާރުލުން ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އާއި ވިލާ ކޮލެޖާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.


މަޓާޓޯ އިން ވިދާޅުވީ މިއީ މަޓާޓޯގެ މެމްބަރުންނަށް ހާއްސަ ކޯސްތަކާއި ތައުލީމީ ޕްރޮގްރާމްތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހާއްސަ މެމްބަރ ޑިސްކައުންޓްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތްވާ ކޯސްތައް ކުރިއެރުވުމަށް މަސައްކަތް ވެސް މި ފަހުމުނާގައިގެ ދަށުން ކުރެވޭނެ ކަަމަށް ވިދާޅުވިއެވެ.


މަޓާޓޯ އިން އިތުރަށް ވިދާޅުވީ މި އެމްއޯޔޫގެ މައިގަނޑު އަމާޒަކީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން ކަމަށެވެ. އަދި އެއީ މަޓާޓޯގެ އިސްކަންދޭ ކަމެއް ކަމަށެވެ.


އެހެންކަމުން މަޓާޓޯ އިން ސިނާއަތުގެ ކުރިއެރުމާއި ދެމެހެއްޓެނިވި ކަމަށް ހިއްސާކުރާނެ ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން އެމްއޯޔޫގައި ވިލާ ކޮލެޖާއި މަޓާޓޯ ސްޓޫޑަންޓް ޗެޕްޓަރެއް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށާއި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މުސްތަގްބަލުގެ ޕްރޮފެޝަނަލުން ބައިވެރިކުރުވުމަށް މަގުފަހިކޮށްދޭނެ މަންސައަކަށްވާނެ ކަމަށް ވެސް މަޓާޓޯ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު